ޙަބަރު

ހުޅުލެ-މާލެ ބުރިޖު މަޝްރޫއު ހިންގުމުގައި 4/93 ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ޤާނޫނާއި ޚިލާފަށް މަސައްކަތް ކޮށްފައިވާތީވެ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާރ ޖޫރިމަނާކުރުން

03 ޖުލައި 2019


ހުޅުލެ-މާލެ ބުރިޖު ސަރަހައްދަކީ މާރިޗް 2016 އިން ފެށިގެން ސެޕްޓެމްބަރު 2018 ގެ ނިޔަލަށް ބުރިޖު އެޅުމުގެ މަޝްރޫއު ކުރިއަށް ގެންދެވުނު ސަރަހައްދެވެ. ހުޅުލެ-މާލެ ބުރިޖު ސަރަހައްދުގެ ކަނޑަށް ގިނަ އަދަދެއްގެ ކުނި އަޅާފައިވާކަމުގެ ހެކި މިއެޖެންސީއަށް ލިބުމާއި ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް.) މެދުވެރިކޮށް ކުރެވުނު އިންސްޕެކްޝަންއިން އިނގުނު ގޮތުގައި އެސަރަހައްދުގެ ކަނޑުގެ އަޑީގައި ވަރަށް ގިނަ އަދަދެއްގެ ދަގަނޑު ކުނި އުކާލެވިފައިވެއެވެ. މަޝްރޫއުގެ ވެރިފަރާތަށް ދީފައިވާ އީ.އައި.އޭ. ޑިސިޝަން ސްޓޭޓްމަންޓުގައިވާ ގޮތާއި ޚިލާފަށް އެއްވެސްކަމެއް ހިނގައިފިނަމަ އެކަން މިއެޖެންސީއަށް ރިޕޯޓުކުރަންޖެހެއެވެ. ނަމަވެސް މަސައްކަތުގެ އެދިޔާރު މިކަމާއި ގުޅިގެން މިއެޖެންސީއަށް ރިޕޯޓުކޮށްފައެއް ނުވެއެވެ. އަދި މިއެޖެންސީގެ ފަރާތުން ކޮށްފައިވާ މުއާމަލާތްތަކަށް ޖަވާބުދާރީ ވެފައެއް ނުވެއެވެ.

އެހެންކަމުން، ހުޅުލެ-މާލެ ބުރިޖު މަޝްރޫއު ހިންގުމުގައި 4/93 ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ޤާނޫނާއި ޚިލާފަށް މަސައްކަތް ކޮށްފައިވާތީވެ، "ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ޤާނޫނު (ނަންބަރު:4/93)" ގެ ދަށުން ހަދާފައިވާ "ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާއިދު (ނަންބަރު:2011/R-9)" ގެ ޖަދުވަލު 2 ގެ 7 އާއި ޖަދުވަލު 5 އަށް ރިޢާޔަތްކޮށް، ޖުމްލަ 892,500 (އަށްލައްކަ ނުވަދިހަ ދެހާސް ފަސްސަތޭކަ) ރުފިޔާއިން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާރ ވަނީ  ޖޫރިމަނާކުރެވިފައެވެ.

އަދި ހަމަ އެއާއެކު، މި  ޖޫރިމަނާއަށް ވާ ފައިސާ 30 ދުވަހުގެ ތެރޭގައި މި އެޖެންސީއަށް ދެއްކުމަށް އެ މިނިސްޓްރީއަށް ވަނީ އަންގާފައެވެ.

ފަހުގެ ޚަބަރުތައް