ޙިދުމަތްތައް
މިއެޖޭންސީގެ މައިގަނޑު މަސައްކަތްތަކަކީ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 132 މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، މިއެޖޭންސީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާ ޙަވާލުކުރައްވާފައިވާ މޭންޑޭޓްގައި ހިމެނޭ މަސައްކަތްތަކުގެ އިތުރުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ޙަވާލުކުރައްވާ މަސައްކަތްތަކެވެ.
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖޭންސީގެ މަސައްކަތްތައް
1. ތިމާވެއްޓާބެހޭ ޤާނޫނުގެ ދަށުން ހިމާޔަތް ކުރަންޖެހޭ ތަންތަނާއި، ދިރޭތަކެތީގެ ނަސްލުތަކުގެ ތެރެއިން ހިމާޔަތް ކުރަންޖެހޭ ތަކެތި ކަނޑައަޅައި، އެތަންތަނާއި އެތަކެތި ބެލެހެއްޓުމުގެ ކަންތައްތައް ރާވައި އިންތިޒާމްކުރުން.
2. ރާއްޖޭގެ ތިމާވެއްޓަށް ފާހަގަކުރެވޭފަދަ ބަދަލެއް އަތުވެދާނެ އެއްވެސް މަޝްރޫޢެއް ހިންގުމުގެކުރިން ހަދަންޖެހޭ ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމުގެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅައި، ހިންގާ ބެލެހެއްޓުން.
3. ދިވެހިރާއްޖޭގެ ތިމާވެއްޓާބެހޭ ޤާނޫނު ތަންފީޒުކުރުމުގައި ކުރަންޖެހޭ މަސައްކަތް ކުރުން.
4. އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް ރެގިއުލޭޝަން ތަންފީޒުކުރުން.
5. ރާއްޖޭގެ ރަށްރަށް ގިރުމާއި ޤުދުރަތި އަދި އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން ދިމާވާ ތިމާވެށީގެ މައްސަލަތަކާބެހޭ މަޢްލޫމާތުގެ އަލީގައި އެކަންކަމާމެދު އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން.
6. ތިމާވެއްޓަށް ރައްކާތެރި ގޮތެއްގެ މަތިން ރާއްޖޭގައި ކުނިބުނި ނައްތާލުމާބެހޭ އުސޫލުތަކާއި މިންގަނޑުތައް އެކުލަވާލައި، ކުނިބުނި ނައްތާލުމުގެ މަސައްކަތްކުރާ ފަރާތްތަކުން އެ މިންގަނޑުތަކާއި އެސޫލުތަކަށް ޢަމަލުކުރަމުން ގެންދޭތޯ ބެލުން.
7. ރާއްޖޭގެ ތިމާވެއްޓަށް ލިބެ ގެއްލުންތަކުގެ ބަދަލު ހޯދުމުގެ ގޮތުން، ތިމާވެށީގެ އަގު ވަޒަންކުރުމުގެ ނިޒާމެއް ތަޢާރަފުކޮށް، އެކަމާބެހޭ ކަންތައްތައް ހިންގުން.
8. ރާއްޖޭގެ ރަށްރަށުގެ ވެށި ރައްކާތެރިކުރުމުގެ ގޮތުން މިނިސްޓްރީން ހަދާ ގަވާއިދުތައް ތަންފީޒުކުރުން، އަދި ތިމާވެށި ރައްކާތެރިކުރުމަށް ހެދިފައިވާ ގަވާއިދުތަކާއި، ޤާނޫނުތަކަށް އަމިއްލަ ފަރާތްތަކުންނާއި ސަރުކާރުގެ ފަރާތްތަކުން ޢަމަލުކުރަމުން ގެންދޭތޯ ބެލުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. އަދި، ކަމާބެހޭ ގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ލަފަޔާ މަޝްވަރާދިނުން.
9. ރާއްޖޭގައި ފެނާއި ނަރުދަމާގެ ޚިދުމަތްދިނުމަށާއި، ނަޖިހާއި ނަޖިސްފެން ނައްތާލުމުގެ ޚިދުމަތް ދިނުމުގެ ލައިސެންސް ދޫކުރުމާއި، ދޫކުރާ ލައިސަންސާ އެއްގޮތަށް ޚިދުމަތްދޭ ފަރާތްތަކުން ޢަމަލުކުރުމުން ދޭތޯ ބެލުން.
10. ރާއްޖޭގައި ނަޖިހާއި ނަޖިސްފެން ނައްތާލުމާބެހޭ އުޞޫލުތަކާއި، ޤަވާޢިދުތަކާއި، މިންގަޑުތައް ކަނޑައަޅައި، ފެނުގެ ޚިދުމަތްދޭ ފަރާތްތަކުން މި މިންގަނޑުތަކަށް ޢަމަލުކުރަމުންދޭތޯ ބެލުން.
11. އާންމުކޮށް ބޭނުންކުރާ ފެނުގެ ޚިދުމަތާއި، ނަޖިހާއި، ނަޖިސްފެން އުކާލުމުގެ ނުވަތަ ނައްތާލުމުގެ ޚިދުމަތް ވިޔަފާރި އުސޫލުން ދިނުމަށްއެދޭ ފަރާތްތަކުން، އެ ޚިދުމަތްތަކަށް އަގުނެގުމަށް ބޭނުންކުރާނެ މިންގަނޑުތައް ކަނޑައަޅައި، އަގު ނެގުމުގެ ހުއްދަ ދިނުމާއި، އެފަދަ ޚިދުމަތްދޭ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުން ހުށަހަޅައި، އަގު ނެގުމުގެ ހުއްދަ ދިނުމާއި، އެފަދަ ޚިދުމަތްދޭ ފަރާތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުން ހުށަހަޅާ ހުށަހެޅުންތައް ބަލައި، ދެފަރާތުގެ މަސްލަހަތު ރައްކާތެރިކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
12. ސައިންޓިފިކް ދިރާސާތަކާއި ތަޙްލީލްތައްކޮށް، ކަމާބެހޭ "ނޮލެޖްބޭސް" އެއް ޤާއިމްކޮށް، ބަލަހައްތައި، މި މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުން.
13. ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށްތަކަށް އަންނަމުންދާ ބަދަލުތަކާއި، ރަށް ގިރުމަށް ދިމާވާ ސަބަބުތައް ދިރާސާކޮށް، އެކަންކަން ޙައްލުކުރުމަށް އެޅިދާނެ ފިޔަވަލުތަކާބެހޭ މަޝްވަރާއާއި ލަފާދިނުން.
14. ރާއްޖޭގެ ރަށްރަށް އުފެދި އެތަންތަނަށް އަންނަމުންދާ ބަދަލުތަކުގެ މަޢުލޫމާތު، ސެޓެލައިޓް އިމޭޖަރީއާއި އޭރިއަލް ފޮޓޯގްރަފީފަދަ ވަސީލަތްތައް ބޭނުންކޮށްގެން ހޯދައި، ޖިއޮގްރެފިކް އިންފޮމޭޝަން ސިސްޓަމަށް ބޭނުންވާ މަޢުލޫމާތު ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
15. ބިންހިއްކުމާއި، ފަޅުކޮނުމާއި، ބަނދަރުހެދުމާއި، ނެރުގޮއްވުންފަދަ ކަންކަމުން ކުރާ އަސަރުތައް ދެނެގަނެ، މިކަންކަން ތިމާވެއްޓާއި ރަޙްމަތްތެރި ގޮތަކަށް ކުރެވޭނެ ގޮތްތައް ހޯދުމަށް ދިރާސާކުރުމާއި، އެއްކުރެވޭ މަޢުލޫމާތާއި ތަޖުރިބާ ކަމާބެހޭ ފަރާތްތަކަށް ފޯރުވައިދިނުން.
16. ރާއްޖޭގެ ތިމާވެށްޓަށް އަންނަ ކިލަނބުކަން (ޕޮލިއުޝަން) ދެނެގަތުމަށް ދިރާސާތަކާއި ތަޙްލީލުތައްކޮށް، ކަމާބެހޭ މަޢުލޫމާތާއި، ފަންނީ ލަފަޔާއި އިރުޝާދު ދިނުން.
17. ދިރެތަކެތީގެ ނަސްލުތަކާއި އެތަކެތީގެ މާހައުލުތަކާބެހޭ ދިރާސާކޮށް، އެއްކުރެވޭ މަޢުލޫމާތާއި ތަޖުރިބާ ކަމާބެހޭ ފަރާތްތަކަށް ފޯރުވައިދިނުން.
18. ރާއްޖޭގެ ތިމާވެއްޓާ ގުޅުންހުރި ބަޔޯޓެކްނޯލޮޖީއާއި ބަޔޯސޭފްޓީގެ ކަންތައްތަކާބެހޭ ދިރާސާތަކާއި ތަޙްލީލްތައްކޮށް،ކަމާބެހޭ މަޢުލޫމާއި، ފަންނީ ލަފަޔާއި އިރުޝާދު ދިނުން.
19. ހަކަތައާބެހޭ އެކިއެކި މަޝްރޫޢުތައް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ސައެންޓިފިކް ދިރާސާތަކާއި ތަހުލީލުތައްކޮށް، ކަމާބެހޭ "ނޮލެޖްބޭސް" އެއް ގާއިމްކޮށް، ބަލަހައްތައި މިމަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް ލިބެނެ އިންތިޒާމް ހަމަޖެއްސުން.
20. ދިވެހިރާއްޖޭގެ ފިޒިކަލް އޯޝޮނޮގްރާފީއާއިބެހޭ ކަންތައްތައް ރާވައި ހިންގައި ތަރައްޤީކޮށް ބެލެހެއްޓުން.
21. ޖައްވުގައި ހިމެނޭ ގޭސްތަކާއި، ދުމާއި ކުނޑިފަދަ ތަކެތީގެ މިންވަރަށް އަންނަމުންދާ ބަދަލުތައް ބަލައި، މިފަދަ މަޢުލޫމާތު އެއްކޮށް، ބަލަހައްޓައި، މިކަންކަމާގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކަށް މަޢުލޫމަތު ލިބޭނެ އިންތިޒާމް ހަމަޖެއްސުން.
22. ރާއްޖެގައި ލިބެންހުރި ފެނުގެ ވަސީލަތްތަކާބެހޭ ސައިންޓިފިކް ދިރާސާތައްކޮށް ކަމާބެހޭ މަޢުލޫމާތު ބަލަހައްޓައި ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން.
23. ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދު (އީ.އީ.ޒެޑް) ގެ ތެރޭގައި ހުރި ހަކަތައުފެއްދިދާނެ ގުދުރަތީ ވަސީލަތްތަކަކީ ކޮބާތޯބެލުމަށް ކަމާބެހޭ ދިރާސާތައް ކުރުން.
24. ތަރައްޤީގެ މަޝްރޫޢުތައް ރޭވުމަށް ބޭނުންވާ ތިމާވެއްޓާބެހޭ މަޢުލޫމާތު އެއްކޮށް، ކަމާބެހޭ "ނޮލެޖްބޭސް" އެއް ގާއިމްކޮށް، ބޭނުންވާ ފަރާތްތަކަށް މި މަޢުލޫމާތު ފޯރުވައިދިނުން.